1 month ago
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަރ ކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑް ތައާރަފް ކޮށްފިއެވެ.
އެ ބޭންކުން ވިދާޅުވީ މިއީ ވިޔަފާރިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް މެނޭޖް ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކާޑެއް ކަމަށެވެ.
އެގޮތުން ބޮޑެތި ވިޔަފާރިތަކުން ކުރަންޖެހޭ ކުދި ހަރަދުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ކުރަންޖެހޭ އާންމު ހަރަދުތައް މެނޭޖުކުރުމަށް މިކާޑް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.
ހޮޓެލް ޖޭންގައި މިކަމަށް ބޭއްވި ހާއްސަ ހަރަކާތެއްގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ބޭންކުން ބަދަލުވަމުންދާ ވިޔަފާރީގެ މާހައުލަށް ފޯރުކޯށްދޭ އެހީތެރިކަމަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އެކުންފުނީގެ ޕާޓްނަރެއް ކަމަށްވާ މާސްޓަރ ކާޑާއެކު ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މިފަދަ ހިދުމަތެއް ތައާރަފްކުރެވުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
ބީއެމްއެލްއިން ތައާރަފްކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ކުރަންޖެހޭ ހަރަދުތަކަށް ހާއްސަކޮށް ޑޮލަރު ކާޑަކާއި އެތެރޭގެ ހަރަދުތަކަށް ހާއްސަކޮށްގެން ދިވެހި ރުފިޔާ ކާޑެކެވެ. މިއިން ކޮންމެ ކާޑަކާއެކު މާސްޓަރ ކާޑާއި ގުޅޭ ޑިސްކައުންޓުތައް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.
މީގެއިތުރުން ބީއެމްއެލްގެ އެޕްލިކޭޝަނުން ވޮލެޓް ޕޭމެންޓްތައް ވެސް ކާޑުން ހެދޭނެ ކަމަށް ބޭންކުން ވިދާޅުވިއެވެ.
މިގޮތުން ދިވެހި ރުފިޔާ ކާޑަށް 500،000 ރުފިޔާއާއި ހަމައަށް ރިލޯޑް ކުރެވޭއިރު، ޑޮލަރު ކާޑަށް 100،000 ޑޮލަރާއި ހަމައަށް ރިލޯޑް ކުރެވޭނެކަމަށް ވިދާޅުވިއެވެ. މިއާއެކު ދިވެހި ރުފިޔާ ކާޑު ދުވާލެއްގެ މައްޗަށް 200،000 ރުފިޔާގެ މުއާމަލާތް، އަދި ޑޮލަރު ކާޑުން ދުވާލެއްގެ މައްޗަށް 50،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެކަަމަށް އެ ބޭންކުން މައުލޫމާތު ދެއްވައެވެ.
މިއީ ފަންނިއްޔާތު ކުރިއަރުވައި މާލީގޮތުން ވިޔަފާރިތަކުގެ ބައިވެރިވުުން އިތުރުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ކާޑެއް ކަމަށް ބީއެމްއެލް އިން ހާމަކުރައްވައެވެ.