1 month ago
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މި ދުވުމުގައި 21 ކިލޯމީޓަރުގެ ކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާ، ރަނަރަޕަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ.
ފަސް ކިލޯމީޓަރު އޯޕަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު އޮފީސް/ރިސޯޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް ދިނީ 10,000 ރުފިޔާއެވެ. ރަނަރަޕަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕަށް ދިނީ 6,000 ރުފިޔާއެވެ.
މީގެއިތުރުން ފަސް ކިލޯމީޓަރު ސްކޫލް ކެޓެގަރީގެ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕަށް 1,000 ރުފިޔާގެ ވައުޗަރ ވަނީ ހަވާލުކޮށްފައެވެ.
ދިރާގުން ވަނީ 21.1 ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިއީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މިއީ މި ދުވުން ބޭއްވި 15 ވަނަ އަހަރެވެ. އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ދުވުމުގައި 4،400 އަށްވުރެ ގިނަ ބައިވެރިން ވަނީ ރަޖިސްޓްރީކޮށްފައެވެ.
އޭގެތެރޭގައި 41 ގައުމެއްގެ ދުވުންތެރިންނާއި 28 ސްކޫލެއްގެ ދަރިވަރުން ހިމެނޭއިރު، އަތޮޅުތެރޭގެ ހަތް ސްކޫލެއް ވެސް ހިމެނެއެވެ.
ދިރާގު މޯލްޑިވްސްގެ ރޯޑް ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.