1 month ago
ރާއްޖޭގެ ޒުވާން އުއްމީދީ ފެތުންތެރިން ކަަމަށްވާ ޙަމްނާ އަޙްމަދާއި މުޙައްމަދު އާން ޙުސައިން އަނެއްކާ ވެސް ގައުމީ ރެކޯޑުތަކެއް އައުކޮށްފިއެވެ.
އެގޮތުން ހަންގޭރީގައި މިހާރުކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި ޙަމްނާ ވަނީ އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފައެވެ. އެއީ 03:00.53 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އައިޝަތު ސާޖިނާއެވެ. އެފަހަރު މި އިވެންޓުގެ ގައުމީ ރެކޯޑް އައު ކޮށްފައިވަނީ 03:08.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކުރީ ހަންގޭރީގައި މިހާރުކުރިއަށްދާ މުބާރާތުގައެވެ. އެއީ 00:26.67 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކުރީ މިއަހަރު މެދުތެރޭގައި ބޭއްވި އޭ.އޯ.އެސް.އައި ޝޯޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިހާން ޝިޙާމެވެ. ރިހާންގެ ވަގުތަކީ 00:27.06 އެވެ.
މީގެއިތުރުން ހަމަ މި މުބާރާތުގައި ފިރިހެނުންގެ ޝޯ\ޓްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ވެސް އާން ހުސައިން ވަނީ އައުކޮށްފައެވެ. އާން މިރެކޯޑް އާކޮށްފައިވަނީ 02:01.08 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިހާން ޝިޙާމެވެ. 200 މީޓަރ ފްރީސްޓައިލް އިވެންޓު ރިހާން ނިންމާފައިވަނީ 02.03.06 އިންނެވެ.
އާން ހުސައިން ވަނީ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ވެސް މި މުބާރާތުގައި އައުކޮށްފައެވެ. 00.23.79 އިން ރޭސް ނިންމައިގެން، އާން މިރެކޯޑް އާކޮށްފައިވާއިރު، މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކުރީ ވެސް އޭނާ އެވެ. އެއީ މިދިޔަމަހު ބޭއްި ދެވަނަ ޝޯޓް ޓްރެކް ބުޑަ ކަޕްގައި 00:24.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.