1 month ago
ކްލައިމެޓް ފައިނޭންސްގެ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ލަނޑުދަނޑިން ދޭ މެސެޖަކީ އެންމެ ނާޒުކު ޤައުމުތައް ބާކީ ނުވާނެ މެސެޖަކަށް ހެއްދެވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުރުން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ނާޒުކުކަމަށް ކުރާ ޚަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމާއެކު، މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިކަމުގައި ޕްރައިވެޓް ސެކްޓަރގެ މުހިންމު ދައުރު ފާހަގަކުރައްވަމުން، އެ ދާއިރާގެ އެހީތެރިކަމާއެކު ފަހި އިނާޔަތްތަކަކާއެކު މާނަވީ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ޕްރައިވެޓް ސެކްޓަރުން ލޯން ދޫކުރާ ރަސްމީ ފަރާތްތަކާއި ގުޅިގެން އެކަށޭނަ ގޮތްތަކެއްގައި ލޯނު ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޒަރޫރީ އެހީ ހޯދުމުގައި ސިޑްސްއަށް ފަސޭހަ ކުރުމަށްޓަކައި ގްރާންޓް-ބޭސްޑް ފައިނޭންސިންގ އަދި ކޮންސެޝަނަލް އިންސްޓްރުމަންޓްތަކަށް ބިނާކޮށް ބައިނަލްއަޤްވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދީ ސިޑްސްގެ ޤައުމުތައް ބާރުވެރިކުރުވުމަށް ގޮވާލެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، މިކަމުގައި ފިޔަވަޅު ނޭޅުން ނުވަތަ ފިޔަވަޅު އެޅުން ލަސްކުރުމަކީ ރާއްޖެފަދަ ގައުމުތަކަށް އޮތް ފުރުސަތެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކައި މިކަން ނާކާމިޔާބުވިޔަނުދީ ކާމިޔާބީއަށް ވާސިލުވުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް ގޮވާލެއްވިއެވެ.
އަޒަރުބައިޖާނުގައި ކުރިއަށްދާ 29 ވަނަ ކޮޕް ސަމިޓުގެ ހައި-ލެވެލް ރައުންޑްޓޭބަލް ބައްދަލުވުން ވެގެންދިޔައީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބެންކުތަކުން، ޕެރިސް އެގްރީމަންޓްގެ ލަނޑުދަނޑިތައް ބިންގަލަކަށް ބަލައިގެން އެ ލަނޑުދަނޑިތައް ފުޅާކުރުމުގައި، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލެއް ކަނޑައެޅުމަށް ވިސްނައިގެން، މޫސުމީ ބަދަލުތަކަށް މާނަފުން ގޮތެއްގައި ޚަރަދު ހޯދުމަށް މަސައްކަތް ކުރުމަށް ލިބުނު މަންސައަކަށެވެ.