ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމަށް ނޭޕާލް އާއެކު މަޝްވަރާކޮށްފި

1 month ago

އަފްރާހް

ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ރައީސް ރައިޓް ރާމްޗަންދްރަ ޕޯޑެލް އާ މަޝްވަރާކުރައްވައިފިއެވެ.


މި މަޝްވަރާކުރައްވާފައިވަނީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދެކުނު އޭޝިއާގެ އަވައްޓެރި ގައުމުތަކުގެތެރެއިން ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެއްބާރުލުން ދެއްވުމާމެދު، މިބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކޮޕް29 ގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކުރިއަށް ދިއުމަށް އަލިއަޅުއްވާލަމުންނެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު