1 month ago
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި ދިނުމެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާ ވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާއެއް ހެދުމެވެ.
އަލަށް އުފައްދާ ކޮމިޝަނުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލުގައިވާގޮތުން ބިލު ގާނޫނަކަށްވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. އަދި އެ ކޮމިޝަން ވެގެންދާނީ މިނިވަން ގާނޫނީ ޝަހުސަކަށް ކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.
މި ބިލު ގާނޫނަކަށްވުމާއެކު މިހާރު ހިންގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވިގެންދާއިރު، އެ ދެ ކޮމިޝަނުގެ މިހާރުގެ މަސްއޫލިއްޔަތުތަކާއި އިމާރާތްތަކާއި ބިމާއި މުދަލާއި ފައިސާ އާއި ވަސީލަތްތައް އަދި މުވައްޒަފުން އަލަށް އުފެދިގެންދާ ކޮމިޝަނަށް ބަދަލުވާނެއެވެ.
އަލަށް އުފައްދާ ކޮމިޝަނުގައި 7 މެންބަރުން ހިމަނުއްވާފައިވާއިރު، އޭގެތެރެއިން 4 މެންބަރުންނަކީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންނެވެ. އަދި ދެން ތިއްބަވާ 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ.
ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވާނީ 5 އަހަރުގެ ދައުރަކަށެވެ.