މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ: ރައީސް

1 month ago

އަފްރާހް

އިންޓަރނޭޝަނަލް ޒީރޯ ކާބަން އައިލެންޑް އިނީޝިއޭޓިވްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.


އެމަނިކުފާނު މިހެން މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ (ޔޫ.އެން.އެފް.ސީ.ސީ) އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ.


ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާހީ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މަސައްކަތްތަކަށް އެފަރާތްތަކުގެ އެއްބާރުލެއްވުން އަބަދު ވެސް ލިބިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.


އަޒަރުބައިޖާނުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސް ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަގްބަލެއްގެ ކަށަވަރުކަން ހޯދުމަށްޓަކައި ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ހާލަތުގައިވާ އެހެނިހެން ގައުމުތަކަކީ ވެސް ހަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައަޅާފައިވާ ގައުމުތަކެއްކަން ފާހަގަކުރެއްވިއެވެ.


ގިނަ ގައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަގްވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވުމަކީ، ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަގްބަލެއް ބިނާކުރުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް އިސްނެގުމުގައި، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ދުރުވިސްނުމުގެ ތަސައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު