މާާލީ ވަސީލަތްތައް ނެތި ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއް

1 month ago

އަފްރާހް

ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ ޢަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގައެވެ.


މި ބަޔާނުގައި ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާ ކަމަށާއި، މާލީ ވަސީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަމުގައި ވިދާޅުވެފައެވެ.


ރައީސްގެ ބަޔާނުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްގީ ގެއްލިގެންދާކަން ފާހަގަކުރައްވައި، އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ގައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާކަމަށް ވިދާޅުވިއެވެ.


އެއީ އދ. އާއި، ބައިނަލްއަޤުވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ޚާއްޞަ، އަދި ސިޑްސްގެ ޙަޤީޤީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެން.ސީ.ކިއު.ޑީ) ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުމެވެ.


މި ސަމިޓުގައި ރައީސް ވަނީ ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން އިގްތިސާދީ އަދި ޙަޟާރީ ތަރައްގީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ވަޢުދުތައް ޢަމަލީގޮތުން ދެއްކުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު