ބިލު ފާސްވެއްޖެނަމަ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ: އެމްޖޭއޭ

1 month ago

އަފްރާހް

މީޑިއާ ކޮމިޝަންގ ގެ ބިލު ފާސްވެއްޖެނަމަ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ ކަމުގައި މޯލްޑިވސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.


އެ ޖަމިއްޔާ އިން މިފަދައިން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން'ގެ ނަމުގައި އައު ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.


އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅޭނެ ކަމަށެވެ. އަދި މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ވެސް ގެއްލޭނެ ކަމަށެވެ.


"އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ." އެމްޖޭއޭ ގެ ބަޔާނުގައި ބުނެފައި ވެއެވެ.


އެ ބިލާއިގުޅިގެން އެމްޖޭއޭ އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރުމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނުފޫޒުވަނުން އެކަށީގެންވާކަން ފާހަގަކުރެއެވެ.


މީގެއިތުރުން ކޮމިޝަން ހިންގުމުގެ ހުރިހައި ބާރެއް ކޮމިޝަންގެ ރައީސަށް ދީ، ކޮމުޝަންގެ ރައިށް އާއި ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމަކަށްވުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. އަދި ބިލުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.


މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށާއި ރާއްޖޭގައި މިހާރުއޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ހައްލު ކުރަންވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ ވަށާ ޖެހޭނޭ ގޮތަކަށް ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު