1 month ago
ޝޭޑްސް އޮފް މައިންޑް ކުރެހުމުގެ މައުރަޒުގައި ހުނަރުވެރި ކުރެހުންތެރިޔާ ރޫބީ ފަޒާލް ހުށަހެޅި އާޓްވޯކް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްލަވައިގެންފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކުރާ "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މަޢުރަޒަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މަޢުރަޒެކެވެ.
މި ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު މިމައުރަޒު ހުޅުވައިދެއްވެވީ ވެސް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
ރޫބީ ވިދާޅުވި ގޮތުގައި މައުރަޒުތަކުގައި ފަންނުވެރިން ބައިވެރިކުރާ ކުރެހުންތަކާއި އާޓްވޯކްތައް ފަންނަށް ލޯބިކުރައްވާ ބޭފުޅުން ބައްލަވައިގަތުމަކީ ފަންނުވެރިންނާއި ޒުވާނުން ބާރުވެރި ކުރުވައި، މިފަދަ ހުނަރުތައް ހުރި ޒުވާނުންނަށް މިދާއިރާގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމުގައެވެ.
ރޫބީއަކީ ބައިނަލްއަގްވާމީ މައުރަޒުތަކުގައި ވެސް ބައިވެރިވެފައިވާ 'ފައިން' އާޓިސްޓެކެވެ. ރޫބީގެ ގިނަ މައުރަޒުތައް ބާއްވާފައިވަނީ އޮސްޓްރޭލިއާގައެވެ.
އެގޮތުން ފުރަތަމަ ސޯލޯ މައުރަޒެއް ބާއްވާފައި ވަނީ 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ބްރިސްބަންގައެވެ. އަދި ފުރަތަމަ ގްރޫޕް މައުރަޒެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ އެޑިލޭޑްގައެވެ.
ރޫބީ ޕްރޮފެޝަނަލްކޮށް ތަމްރީނު ހޯއްދެވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ޔުނިވަރސިޓީތައް ކަމަށްވާ ގްރިފިތު ޔުނިވަރސިޓީއާއި ކުއީންސްލޭންޑް ކޮލެޖް އޮފް އާޓްގައެވެ. އަދި ފާއިތުވީ 2 އަހަރު ރޫބީ ވަނީ ވިލާ ކޮލެޖާއި އެމްއެންޔޫގައި އާޓް ކިޔަވައިދީފައެވެ.
މިއީ ރާއްޖޭގައި މައުރަޒެއްގައި ބައިވެރިވި 3 ވަނަ ފަހަރުކަމަށާއި ކޮވިޑްގެ ފަހުން މައުރަޒުކުރި ފުރަތަމަ ފަހަރުކަމަށް ރޫބީ ވިދޅާުވިއެވެ. އަދި ނައިބު ރައީސްއަށް ރޫބީގެ ކުރެހުން ފާހަގަވެ، އެކުރެހުން ބައްލަވައިގަތުމަކީ ފަންނުވެރިއެއްގެ ގޮތުން ވަރަށް އުފާކުރާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.