1 month ago
ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިއުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައެވެ.
ފަގީރު ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ހާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކުރީން ދިވެހީންގެތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން އެކަމަނާ ވަނީ ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިރިއުޅުމުގެ އާދަތައް އިސްލާހުކުރުމުން އެ ބަލީގެ ނުރައްކާ ކުޑަކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުގެ ސަބަބުން ބަލި ޖެހުމާއި ބަލީގެ ގެއްލުން ބޮޑުވުން ބިނާވެފައިވާކަން ފާހަގަކުރެއްވިއެވެ.
ފަގީރު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތްއިރު، ދިވެހީންނަކީ ހަރަކާތްތެރިކަން ބޮޑު، ކެއުން މަދު އަދި ސިއްހަތާ ގުޅޭ ކާނާ ކައިބޮއި އުޅުނު ބައެއް ކަމަށާއި އެހެންނަމަވެސް މިހާރު ދިވެހީންގެ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އާދަކާދައިގެ އިތުރުން، ތިޔާގިކަމުގެ ސަބަބުން ކެވޭ މިންވަރުވެސް ތަފާތުވެ، ހަރަކާތްތެރިވެ އުޅޭ ނިސްބަތް ވެސް ތަފާތު ވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލުތަކަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި ވެސް ފާހަގަކުރެއްވިއެވެ.