ދާލަން އެކްސްޕޯގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު

1 month ago

އަފްރާހް

ދާލަން އެކްސްޕޯގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފިއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ ''ދާލަން: ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ'' ފެށުމަށް ތާވަލުކޮށްފައިވަނީ މިއަދު ހަވީރުއެވެ.


ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ ސްޓޯލުތައް ހުންނާނެއެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތައް ބައިވެރިވާއިރު، ކެރިއަރ ގައިޑެންސާއި، މަތީ ތައުލީމުގެ ފުރުސަތުތަކާއި، ހުނަރު ތަރައްގީކުރުމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ.


ދިރާގުން ބުނެފައިވަނީ ޒުވާނުން ބާރުވެރިކުރުވައި، އެމީހުންނަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަމަށެވެ.


އެގޮތުން މި ޕާޓްނަރޝިޕުން ވެސް ހުނަރާއި، އީޖާދުކުރުން ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ ޕްލެޓްފޯމްތަކަށް އެހީތެރިވުމާއެކު، ޒުވާނުންނަށް އެމީހުންގެ ގާބިލިއްޔަތު ދެނެގަތުމަށް އެހީތެރިވެ، މާދަމާގެ ޒިންމާތައް އުފުލުމަށް މަގުފަހިކޮށްދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެއް ކަމުގައި ބުނެއެވެ.


މި އެކްސްޕޯ ގައި ދިރާގުގެ ސްޓޯލެއް ވެސް ހުންނާނެ ކަމަށާއި އެ ސްޓޯލުން ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ވެސް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު