ދިވެހި ނޫސްވެރިންނަށް ޕާކިސްތާނުން ތަމްރީނު ދެނީ

5 months ago

އަފްރާހް

ދިވެހި ނޫސްވެރިންނަށް ޕާކިސްތާނުން ތަމްރީނު ދިނުމުގެ ފުރުސަތު ފަހިވެއްޖެއެވެ.


މި ފުރުސަތު ފަހިވެފައިވާކަން ހާމަކުރައްވައި އެމްއެމްސީން ވިދާޅުވީ މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެކައުންސިލުް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަހިވި ފުުރުސަތެއް ކަމަށެވެ.


އެގޮތުން މޭ 12 ވަނަ ދުވަހު އެ ކައުންސިލުން ވަނީ ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމޝަނަރާއި ބައްދަލުކުރައްވާފައިކަން ހާމަކުރެއްވިއެވެ.


ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާއާއި މެންބަރު އަލީ ނިޝާން، މެންބަރު މުޙައްމަދު އަފްރާހް، އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ.


ޕާކިސްތާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓައަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤްރްނައިން އަޙްމަދު އެވެ.


މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް ޕާކިސްތާނަށް މިއަހަރުގެ ޖޫން މަހު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަން ހައިކޮމިޝަނަރު ވަނީ ޔަގީންކަންދެއްވާފައެވެ. 


މި ތަމްރީންގައި ބައިވެރިވާ ނޫސްވެރިން ޕާކިސްތާނުގެ މަޝްހޫރު ބައެއް މީޑިއާ ހައުސްތަކަށް ޒިޔާރަތް ކުރުމަށާއި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގެ ސެޝަންތަކުގައި ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 


މީގެއިތުރުން އެމްއެމްސީ އާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޕާކިސްތާނުގެ ހައިކޮމިޝަނަރު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު