ޚަބަރު

އިތުރު ތަކުލީފަކާ ނުލާ ފާމަސީތަކުން ބޭސްލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާކޮށްފި

ސަރުކާރުން އަމާޒުކޮށްފައިވާ ގޮތަށް ބަލިމީހުންނަށް ބޭނުންވާ ބޭސްތައް އިތުރު ތަކުލީފަކާއި ނުލާ ފާމަސީތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

 

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހިމް އާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ. ޢާއިޝަތު ޝިހާމް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

 

މި ބައްދަލުވުމުގައި މައިގަނޑުގޮތެއް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުންނެވެ. އަދި ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

 

މީގެއިތުރުން ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

 

މި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެންސްޕާ އަދި އާސަންދަ ގުޅިގެންނެވެ.

 


  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް