އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
މި ޑައިވިންގ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށާއި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދަނީ އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް ކަމުގައި ވިދާޅުވެއެވެ.
އެހެންކަމުން އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދީ، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.