ޚަބަރު

އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އުސްތާޛު ޝަހީދަށް ވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ލިބިވަޑައިގެންފައެވެ.

 

އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އޭނާގެ އެނަންފުޅު މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެމައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، މައްސަލައިގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި ވަނީ ބަހުސްކުރެއްވާފައެވެ. އަދި އެ ކޮމިޓީން ނިންމެވީ އެމައްސަލަ އިތުރަށް ދިރާސާކުރުމަށް ނުފެންނަކަމަށެވެ.

 

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު އިސްތިއުފާދެއްވުންނެވެ. އެ މަގާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރުމަތިލެއްވީ އަލްއުސްތާޛު ޙުސައިން ޝަހީދު އާއި ސިވިލް ކޯޓުގެ ގާޟީކަން ކުރިން ކުރައްވާފައިވާ މަރްޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

 

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ އުސޫލު ބަޔާންކުރާގޮތުގައި ރައީސްއަށް ޖޭއެސްސީން ލަފާއެރުއްވުމުން އެބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެ ބޭފުޅަކު ފަނޑިޔާރުކަމަށް އައްޔަން ކުރެވޭނީ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުއެވެ.



އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.



އޭނާ ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމާއި ކްރިމިނަލް ކޯޓުގެ ގާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވިއިރު، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18  ނޮވެންބަރު 2022 ން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

 

 

 


  • ސްޕްރީމް ކޯޓު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް