ދުނިޔޭގެ ވައިލްޑް ލައިފް ދުވަސް ފާހަގަކުރުމަށް ފޮޓޯ ނެގުނުގެ މުބާރާތެއް ބޭއްވުމަށް ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި ގުދުރަތީ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ދިރުންތަކާއި އެތަކެތީގެ ވެށްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އާއްމުކޮށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހުގެ ތީމާ ގުޅުވާލައި ހުޅުވާލާފައިވާ މި މުބާރާތުގެ ބައިވެރިވެވޭނީ ހަމައެކަނި ދިވެހީންނަށެވެ. މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުޅުވާލާފައިވާ ތިން ދާއިރާއަކީ 'ވައިލްޑްލައިފް'، 'އޭރިއަލް (ޑްރޯން)'، އަދި 'ހެބިޓެޓްސްއެވެ'.
މިނިސްޓްރީން ވިދާޅުވީ ކޮންމެ ކެޓަގަރީއަކުން ވެސް ވަކިވަކިން ވަނަ ހޮވާއިރު، މުބާރާތުގައި ހުށަހަޅާފައިވާ އިނާމުތަކުގެތެރޭގައި ޑްރޮން އާއި ކެމެރާ ފަދަ ފޮޓޯނެގުމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށެވެ. އަދި ކޮންމެ ކެޓަގަރީއަކުން ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯތައް އާއްމުކޮށް ދެއްކުމަށްޓަކައި ފޮޓޯ މައުރަޒެއް ބާއްވާ، 'އީ-ބުކްލެޓެއްގައި' ޝާއިއު ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ހާމަކުރައްވައެވެ.
މި މުބާރާތައް ހުށަހަޅާ ފޮޓޯތައް ވަޒަންކޮށް މާކްސް ދިނުމުގެ މިންގަނޑުތަކުގެ ތެރޭގައި ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން، ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވަދޭ މެސެޖު/އަސަރު، އަހްލާގީ މިންގަނޑުތައް ހިމެނެއެވެ. އަދި މުބާރާތުގެ ތީމާއާއި ގުޅޭ މިންވަރު ވެސް ހިމެނެއެވެ.
މީގެއިތުރުން ހުށަހަޅާ ފޮޓޯއަކީ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ވާފަދަ ގޮތަކަށް ނަގައިފައިވާ ފޮޓޯއަކަށް ވެގެން ނުވާނެކަމަށާއި ފޮޓޯނެގުމުގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ގާނޫނު، މަސްވެރިކަމުގެ ގާނޫނު، އަދި ހިމާޔަތް ކޮއްފައިވާ ބާވަތްތަކާބެހޭ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެ ކަމަށް ވެސް ޓޫރިޒަމް އެންޑް އެނަވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 3 ވަނަ ދުވަހުގެ މެންދުރު 12 ޖަހަންދެނެވެ.
ފޮޓޯތައް ފޮނުވަންވާނީ [email protected] އަށެވެ.
މި މުބާރާތާ ގުޅުންހުރި އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ވެބްސައިޓުން ލިބޭނެއެވެ.