ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީ އާ ހަވާލުކުރި ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަގަކީ 11،197،462.90 ރުފިޔާއެވެ. މަސައްކަތް ނިންމަން ޖެހެނީ 450 ދުވަހުގެ މުއްދަތުގައެވެ. އަދި ށ. މިލަންދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް 110،878،732.12 ރުފިޔާ އަށް ހަވާލުކުރީ 600 ދުވަހުން ނިންމާގޮތަށެވެ.
މީގެއިތުރުން . ތުލުސްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް 600 ދުވަހުން ނިންމުމަށް ހަވާލުކުރީ 110،716،537.72 ރުފިޔާ އަށެވެ. އަދި އއ. ރަސްދޫ ހޮސްޕިޓަލުގެ މަސައްކަތް 780 ދުވަހުން ނިންމަން ހަވާލުކުރީ 185،571،402.42 ރުފިޔާއަށެވެ.
ހަމަމިއާއެކު ގއ. ވިލިނގިލީ ހޮސްޕިޓަލުގެ މަސައްކަތް 780 ދުވަހުން ނިންމާގޮތަށް އެމްޓީސީސީ އާ ހަވާލުކުރީ 185،571،402.42 ރުފިޔާއަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ވެސް ވަނީ ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.