ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިހާބަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކާއި ބޭސްފަރުވާގެ އިނާޔަތްތައް ކަނޑާލުމަށް ގޮވާލާ ބަޔަކު އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރަމުންއަންނަ ދަނޑިވަޅެއްގައެވެ.
އެކަމާއިގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ ގޯސް ހިޔާލެއްނޫން ނަމަވެސް، މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ހަދަން އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ފާސްކޮށް އެކަންކުރަން އުޅެފައި އޮތްކަން ފެންނަން އޮތްކަމަށެވެ.
އެހެންނަމަވެސް އެކަން ހުއްޓުވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެކަމުގައި ފަލާހުގެ ވިސްނުން ހާމަކުރައްވާ ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ ދައުރެއް ނިމި، އާ ދައުރެއްގެ އިންތިހާބަށް ކަމަށެވެ. ސަބަބަކީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މަޖިލީހަށް ވަންނަތަނުން މުސާރަ ކުޑަކޮށްލުމުން އިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އާ ދައުރަކަށް މެންބަރުން ހޮވާއިރު، މުސާރަ ކުޑަކޮށްފިނަމަ އެކަމުގެ ޝަކުވާ އެ މެންބަރުންނަށް ކުރެވެން ނޯންނާނެކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރާ ވާހަކަ ދެކެވޭއިރު، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ފަނޑިޔާރުންގެ މުސާރައިގެ ވާހަކަ ވެސް ޕެޓިޝަނުގައި ހިމެނުން މުހިންމުކަމަށް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާތީ، ފަލާހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.