ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަައްވާ ވަނީ ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ހަމަލާ ވެސް ކުށްވެރިކުރައްވާފައެވެ.
މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ހިލާފު ޢަމަލުތަކެއްކަން ފާހަގަކުރައްވާ، ފޮރިން މިނިސްޓްރީން ވަނީ އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވުމަށް ގޮވާލާފައެވެ. އަދި މި ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުށްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ގޮވާލުން ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.
މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ، އެތަކެއް ބަޔަކުވަނީ ޒަހަމްވެފައެވެ.
ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާއީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.