ޚަބަރު ރާއްޖެ

އިސްރާއީލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ފޮޓޯ: މަޖިލިސް އިދާރާ

އިސްރާއީލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

 

ކުއްލި މައްސަލައެއް މިއަދު ހުށައެޅުއްވީ އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އެއީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލަ ލަސްވަމުންދާތީއެވެ.

 

މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

 

މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ކަމަކަށްވާންވާނެ ކަމަށެވެ. އަދި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.



އެހެންކަމުން މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.



މައުރޫފް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން  2024 ޖޫން 2 ވަނަ ދުވަހު އިއުލާނު ކުރިނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.



މީގެއިތުރުން ހަމަ އެ ދުވަހުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަވައި، އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް، މިއަދާ ހަމައަށް މިކަމުގައި ޢަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމަކަށް ނުފެންނަކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގައި ހުއްޓުވައިފައިއޮންނަތާ ނުވަ މަސް ދުވަސް ވެފައިވާކަން ފާހަގަކުރައްވާ މައުރޫފް ވަނީ ސަރުކާރުން ބޭނުންވާ މައްސަލަތައް މަދު ގަޑިއިރެއްގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

 

މައުރޫފް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލިނަމަވެސް، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

 


  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް