އެމްއެމްއޭއިން ފައިސާ ޗާޕް ކުރުމުގެ އާޚިރު ނަތީޖާއަކަށް ވާނީ ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދިއުން ކަމުގައި ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިފަދައިން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ. މިއީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިގްތިސާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، ހުށަހެޅުއްވި ގަރާރެކެވެ.
މި ބަހުސްގައި އެމްއެމްއޭއިން ފައިސާ ޗާޕު ކުރާ ހިސާބަށް ކަންތައްތައް ދިޔައީ ސަރުކާރުގެ މާލީ ޕްލޭން ފެއިލްވެގެން ކަމަށާއި ހުޅުމާލެއިން ބިން ގަތުމަށް ފައިސާ ޗާޕު ކުރުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ. އަދި މާލީ އިދާރާތަކުން ފައިސާ ހޯދަނީ މާލީ މުދަލާއި މުއާމަލާތްތަކުން ކަމަށް ވެސް ވިދާޅުވިއެވެ.
"ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުމަކީ ގާނޫނާ ހިލާފު ކަމެއް. މި ހާލަތަށް މިކަން މި ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފައިލްވެގެން."
މީގެއިތުރުން އެމްއެމްއޭއިން ފައިސާ ޗާޕް ކުރުމުގެ އާޚިރު ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުން ކަމަށާއި އިގްތިސާދީ ހަމަޖެހުން ގެއްލި، އިގްތިސާދު ފުނޑުފުނޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެމްބަރު މުޙައްމަދު އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ސިޔާސީ ކުޅިއަކަށް އެމްއެމްއޭ ހެދުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމުގައި ވެސް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި މިއަދު ވަނީ ވިދާޅުވެފައެވެ.