ޚަބަރު ރާއްޖެ

18 ރަށެއްގައި ބެޓެރީ އެނަރޖީ ސްޓޯރޭޖު ގާއިމުކުރުމަށް ޗައިނާ އަށް

ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

ރާއްޖޭގެ 18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ގާއިމުކުރަން ހަވާލުކޮށްފިއެވެ.

 

އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާން ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ.

 

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައިު ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ވަންގް ޔޮންގެވެ.

 

މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެވެ.

 

ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަނީ ހދ. ހަނިމާދޫގައި 2000 ކިލޯވޮޓް، ށ. މިލަންދޫގައި 2500 ކިލޯވޮޓް، ނ. ހޮޅުދޫގައި 1500 ކިލޯވޮޓް، އެ އަތޮޅު މަނަދޫ އާއި ވެލިދޫގައި 3000 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެވެ. އަދި ރ. އަލިފުށީގައި 2000 ކިލޯވޮޓް އެއަތޮޅު ހުޅުދުއްފާރުގައި 1500 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެވެ.

 

މީގެއިތުރުން ދަރަވަންދޫގައި 2500 ކިލޯވޮޓް، ތުޅާދޫގައި 3000 ކިލޯވޮޓް ސިސްޓަމް ގާއިމުކުރާއިރު، މ. މުލަކާއި މުލީގައި ގާއިމުކުރަނީ 2000 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެވެ. އަދި ވޭވަށާއި ރަތްމަންދޫގައި  500 ކިލޯވޮޓް ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

 

ހަމަމިއާއެކު ތ. ގުރައިދޫގައި 2500 ކިލޯވޮޓް، ތިމަރަފުށީގައި 3000 ކިލޯވޮޓް، ގއ. މާމެންދޫގައި 1000 ކިލޯވޮޓް، ގދ. ފަރެސްމާތޮޑާގައި 3000 ކިލޯވޮޓް އަދި އެ އަތޮޅު ގައްދޫގައި 2500 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރާނެއެވެ.

 

އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ކުރުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.

 

މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާއި އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެއެވެ. އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށް ވިދާޅުވެއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ހަރަދު ސަލާމަތްކުރެވޭނެ ކަމަށް ވެސް ވިދާޅުވެއެވެ.

 

 


  • ޗައިނާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް