ދެކުނު އޭޝިއާގެ ސަރަހައްދީ "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.
މިއީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގުޅިގެން އިންތިޒާމްކުރި ބައްދަލުވުމެކެވެ.
ކޮލަމްބޯގައި ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް އެންޑް އެނަވަޔަރްމެންޓުގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ރާއްޖެ ތަމްސީލުކުރައްވާ، ވަނީ ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ނިޒާމް ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ތަޖުރިބާތައް ވެސް ހިއްސާކުރެވުނެވެ. އަދި ސަރަހައްދީ ފެންވަރުގައި ޕްލާސްޓިކް ތަޣައްޔަރު ކުޑަކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.
ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި ޕްލާސްޓިކް ނައްތާލުމަށް ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާކަން ހާމަވެގެންދާ ކަމެކެވެ.