ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، ރަމަޟާން މަހުގެ ފަހު 10 ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފަށާފައިވަނީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް ވަނީ ހުށަހަޅާފައެވެ.
އެއީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެކަމަކު އެ މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅޭކަމަށް މައުލޫމާތު ލިބޭތީ، އެ ކަމުގެ މައުލޫމާތު ސާފުކޮށް، ވެރިކަންކުރާ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވުމާމެދު މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ވެސް ވަނީ ހުށަހަޅުއްވާފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް އިއްޔެ އޮތީ ބަހުސް ކުރުމެވެ.