ޚަބަރު ރާއްޖެ

ކުނި މެނޭޖްކުރުމާއި ގާބިލުކަން އިތުރުކުރުމަށް ޕާކިސްތާނާއެކު މަޝްވަރާކޮށްފި

ކުނި މެނޭޖްކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ދާއިރާގައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއިން ޕާކިސްތާނާއެކު މަޝްވަރާކޮށްފިއެވެ.

 

މި މަޝްވަރާކުރައްވާފައިވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ނިޒާމް އާއި ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

 

މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެކަމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފއެވެ. އަދި މި ދާއިރާގައި ދެ ގައުމުގެ ތަޖުރިބާ ހިއްސާކުރުމާއި، ގާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.

 

މިބައްދަލުވުމުގައި ދެ ފަރާތުން ވެސް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް) ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަހައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްއިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަން އަންގައިދީފައިވެއެވެ.

 

މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ވެސް ފާހަގަކުރެވެއެވެ.

 

 


  • ޕާކިސްތާން
  • އެންވަޔަރްމެންޓް މިނިސްޓްރީ
  • ކޮމެންޓް