ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ޓޫރިޒަމް އެންޑް އެވަޔަރްމެންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް އެތައް ހާސް ގަހެއް އިންދިފައިވާ ކަމަށެވެ. އަދި ކޮންމެ ގަހެއް އިންދުމަކީ ރާއްޖެ އިތުރަށް ފެހިކޮށް، ސިއްހަތަށް ފައިދާ ހުރި މާހައުލަކަށް އެއް ފިޔަވަޅު ކުރިއަށް ދިއުން ކަމުގައެވެ.
ކޮންމެ ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއުގައި ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް މަތިކަމަށް ފާހަގަކުރެވޭ ކަމަށ ވެސް ވިދާޅުވެއެވެ.
މީގެއިތުރުން ސްކޫލް ކުދިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުން މި މަސައްކަތުގައި ބައިވެރިވަމުންދާކަން ފާހަގަކޮށް އެހީތެރިވަމުންދާ އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި މި މަޝްރޫއު ފައްޓަވައުދެއްވީ ރާއްޖެފެހިކޮށް، ކާބަން ޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމުގެ މަގްސަދުގައެވެ.