ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް މާލޭގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.
މިއީ "ޣައްޒާއާ އެކުގައި" ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއި ދީނީ ޖަމްއިއްޔާތަކުން އިސްނަގައިގެން ބޭއްވި ހަރަކާތެކެވެ. މިއަދު ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުން ފެށި ސައިކަލުބުރު ވަނީ އަމީނީ މަގާއި މަޖީދީމަގުގައި ވެސް ދުއްވާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު މި ހަރަކާތުގައި ބައިވެރިވިއިރު، ފަލަސްތީނުގެ ދިދަޔާއި، އެގައުމުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ތިބިކަން ދައްކުވައިދޭ އެކި ޝިއާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނަރތައް ވަނީ ބޭނުންކޮށްފައެވެ.
މީގެއިތުރުން ޣައްޒާގެ ރައްޔިތުން ނަސްލު ނައްތާލުމަށް ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ދިޔައީ ގޮވަމުންނެވެ. އަދި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމް އަޚުންނާއި އުޚުތުންގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅާއެޅުން ވެސް ދިޔައީ ކުށްވެރިކުރަމުންނެވެ.
މި ހަރަކާތް ނިންމާލުމުގެގޮތުން ފަލަސްތީނު ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ވަނީ ހާއްސަ ދުއާއެއް ވެސް ކޮށްފައެވެ.
ޒަނަނިސްޓު ޔަހޫދީން ޣައްޒާގެ މުސްލިމުން ނަސްލު ނައްތައިލުމަށް ދެމުންދާ ހަމަލާތަކުގައި މިހައިތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނަތް އަންހެނުންނާއި ކުޑަކުދިންނެވެ.