ޚަބަރު ރާއްޖެ

3 ގައުމަކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންގެ ނަންތައް ދިރާސާ ކޮމެޓީއަށް

ފޮޓޯ: ޕީއެސްއެމް

3 ގައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

 

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ސްވިޑަން، ސީޝެލްސް އަދި އޮސްޓްރޭލިޔާއަށެވެ. އެގޮތުން ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު، ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް އަދި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، އޮސްޓްރޭލިޔާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

 

ރާއްޖޭގެ ފޮރިން ސަރވިސް ގާނޫނުގެ ދަށުން ބޭރު ގައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ. ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

 

ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.

 

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް