ރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަހީމް ޢަބްދުލްލަޠީފް އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޢަބްދުއްރަހީމް ޢަބްދުލްލަޠީފްގެ ނަން ދިރާސާކުރުމަށްފަހު ވަނީ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އޭނާ ޢައްޔަންކުރައްވަން ފެންނަކަމަށް ފާސްކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުން ވެސް ވަނީ އެމަނިކުފާނަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
ބޭރު ގައުމުތަކަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
އަބްދުއްރަހީމަކީ ތުރުކީވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ބޭފުޅާއެވެ.