ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު، ލަގްޒަމްބާރގ ގެ މިނިސްޓަރ އޮފް ލޭބަރ، ހިޒް އެކްސެލެންސީ، ޖޯރޖް މީޝޯއާއި ބައްދަލުކުރައްވައިފިއެވެ.
އެގައުމުގައި ކުރިއަށްދާ "ގްލޯބަލް ގަވަރމަންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން ގުޅިގެން އެކި މަސައްކަތްތަށް ކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
އެގޮތުން ދިވެހި ދަރިވަރުންނަށް ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެގައުމުގައި މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭގޮތުން ވާހަކަދެކެވުނުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެގައުމުގެ ދަރިވަރުން ރާއްޖޭގެ ރިސޯޓްތަކުގައި ތަމްރީނު ހާސިލުކޮށް، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް ވިދާޅުވެއެވެ.
އެކި ގައުމުގެ އިސްބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކަކި ރާއްޖޭގެ ދަރިވަރުންނަށް ބޭރުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ރާއްޖެއިން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުން ތަކެކެވެ.