ނެޝަނަލް އެސެސްމެންޓް ފޯ ލަރނިންގ އައުޓްކަމްސް (ނާލޯ)، މިއަހަރުން ފެށިގެން މުޅިން އަލަށް، ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދިނުމަށް ނިންމާއިފިއެވެ.
އެގޮތުން މި ދިރާސީ އަހަރުގެ ފުރަތަމަ ޓަރމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދިނުމަށް ވަނީ ނިންމާފައެވެ. މި މާއްދާތަކުގެ އިމްތިހާނުތައް އޮންނާނީ އޭޕްރީލް 27 އިން 29 އަށެވެ.
ދެވަނަ ޓަރމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށެވެ.
މިއީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރު ވެސް މެއެވެ.
ނާލޯ އަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ހާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ގައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.