ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވާކަމަށް ބުނާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައެކެވެ.
އެ މައްސަލައިގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެފަދަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން އަދާނުކުރުމުން އެކުދިންގެ އާއިލާތަކުން އަމިއްލައަށް އެ ފައިސާ ހަރަދު ކުރަން ޖެހޭކަން ވެސް އެ މައްސަލައިގާ ފާހަގަކޮށްފައިވާއިރު، ތެރަޕީ ސެންޓަރުގައި ކިއު ދިގުވުމާއި، ތެރަޕީގެ އަގު ބޮޑުވުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ނެތުމުން އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމު ވެގެންދާ ކަމަށާއި އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެން ނުހުންނަ މެމްބަރު ހުށަހެޅުއްވި މައްސަލައިގާ ފާހަގަކޮށްފައި ވެއެވެ.
ހަމަމިއާއެކު އެ އާއިލާތަކަށް ސިއްހީ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މިއީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.
މެމްބަރު ވަނީ މުޖުތަމައުގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ހިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.
އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ. މި މައްސަލަ ބަލައިގަތުމަށް އެންމެ 12 މެންބަރުން ވޯޓުދެއްވިއިރު، 44 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައި ނުގަތުމަށެވެ.