ހިއުމަން ކޭޕަބިލިޓީ އިނީޝިއޭޓިވް 2025 (އެޗްސީއައި) ޕްރޮގްރާމްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެއެވެ.
ސަޢުދީ އަރަބިޔާގެ ރިޔާދުގައި ކުރިޔަށްދިޔަ މި ޕްރޮގްރާމުގައި ބައިވެރިވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު އެވެ.
އެޗްއައިސީ ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ފެންވަރުގައި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު، އިސް ބޭފުޅުން ބައިވެރިވެ، އިންސާނީ ވަސީލަތްތައް ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި އެ ވަސީލަތްތައް ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.
އެގޮތުން މުސްތަގްބަލުގައި ތައުލީމާއި، ޓެކްނޮލެޖީ އަދި މަސައްކަތުގެ މައިދާނަށް އައުން އެކަށީގެންވާ ބަދަލުތަކުގެ މައްޗަށް މި ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލައިފައެވެ.
މި ފޯރަމުގައި ސްޓޭޓް މިނިސްޓަރ ޝަފީޢު ވަނީ "އެކްޓިވޭޓިންގ އެންޑް އެކްސްޕެންޑިންގ ހިއުމަން ޕްޓެންޝިއަލް: ފްރޮމް ޕްރިޕަރޭޝަން ޓު ބިޔޯންޑް ރެޑިނެސް" ގެ ނަމުގައި ކުރިއަށްދިޔަ އޯޕަން ޕެނަލްގައި ވާހަކަދައްކަވައި، އެމަނިކުފާނުގެ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރައްވާފައެވެ.
އޭޕްރިލް 13 ން 16 އަށް ކުރިއަށް ދިޔަ މި ފޯރަމުގައި، ޕޮލިސީ ހެދުމާއި ތައުލީމީ ދާއިރާއާއި ވިޔަފާރިއާއި ގުޅޭ ދާއިރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެކި ގައުމުތަކުގެ 300 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.