ޚަބަރު ރާއްޖެ

ތިން ގައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ތިން ގައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

 

އެގޮތުން މަޖިލީހުން ރުހުން ދެއްވާފައިވަނީ ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށެވެ.

 

އެ ތިން ގައުމަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓު ނަގާފައިވާއިރު، ތިން ސަފީރުންނަށް ވަނީ ރުހުންދެއްވާފައެވެ.



ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރުހުންދެއްވާފައިވަނީ ޖަރުމަންވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރަށެވެ. ސީޝެލްސް އަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ރުހުންދެއްވާފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދަށެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ރުހުންދެއްވާފައިވަނީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަން ކުރެއްވުމަށެވެ.

 

މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަން ފާސްވެފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ.

 

ގައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

 


  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް