ޚަބަރު ރާއްޖެ

ޑޮކްޓަރުން ކުރައްވަނީ ގައުމީ ބުރަ ހިދުމަތެއް، ޝުކުރުވެރިވުން ހައްގު

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް

ޑޮކްޓަރުންކުރައްވަނީ ގައުމީ ބުރަ ހިދުމަތެއް ކަމަށާއި ޝުކުރުވެރިވުން ހައްގު ކަމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައެވެ.

 

އެ ޕޯސްޓުގައި ގައުމުގެ ކުރިއެރުމަށް ދިވެހި ޑޮކްޓަރުންގެ ހިދުމަތް ވަރަށް މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިދުވަހަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް މާޒީއާއި މިހާރުގެ ޑޮކްޓަރުންކުރައްވާ މަސައްކަތް އަގުވަޒަންކުރުމުގެ ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން މިހާރު ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ކުރިއެރުންތަކާއެކު ޑޮކްޓަރުން ހިދުމަތްކުރައްވާއިރު، އެއީ ގައުމުގެ ކުރިއެރުމަށް މުހިންމު ހިދުމަތެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

 

ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.



ޑޮކްޓަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އެކި ސަރޖަރީތައް ކުރުމަށާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

 

ހަމަމިއާއެކު ދިވެހި ޑޮކްޓަރުން ތަމްރީންކުރެއްވުމަށް ވެސް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައެެވެ.

 


  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް