ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައި ހަފުތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަން ޖެހުނުނަމަވެސް މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބާއްވާފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހުއެވެ. ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ރަމަޟާން މަހުގެ ފަހު 10 އާއި ފިތުރު އީދު ބަންދަށް ފަހު، މަޖިލިސް ޖަލްސާތައް ތާވަލުކުރަން ފެށީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
މިއަދުގެ ޖަލްސާ ކެންސަލްކުރި ވަކިސަބަބެއް މަޖިލިސް އިދާރާ އިން ހާމަކުރައްވާފައި ނުވިނަމަވެސް ބައެއް މެމްބަރުން ވިދާޅުވަނީ ޖަލްސާތައް ނުބާއްވަނީ މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތުމުން ކަމަށެވެ.
ޖަލްސާ ނުބޭއްވިނަމަވެސް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި ޕެޓިޝަން ކޮމިޓީގެ ބައެްދަލުވުން މިއަދު 11 ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.
މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ވިދާޅުވަނީ މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާ ލަސްވާ ކަމަށާއި މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނަނީ އެހެންވެ ކަމަށެވެ.
މިކަން މި މޭރުމުން ހިނގަމުން އަންނައިރު، މަޖިލީސް މެންބަރުންގެ މުސާރައާ އެކަށީގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި، މި ފަހުން ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.