ޚަބަރު ރާއްޖެ

މަޖިލީހުގެ ޖަލްސާއެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

 

ރަމަޟާން މަހުގެ ފަހު 10 އާއި ފިތުރު އީދު ބަންދަށްފަހު، މަޖިލީހުގެ ޖަލްސާތައް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ތާވަލުކުރަމުން އައިސް އެންމެފަހުން ޖަލްސާއެއް ބޭއްވީ 16 ވަނަ ދުވަހުއެވެ. އެއަށްފަހު، ޖަލްސާއެއް ނުބާއްވައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ބުނެފައިވަނީ ޖަލްސާތައް ނުބާއްވަނީ މެމްބަރުން ކުރާނެ މަސައްކަތެއް ނެތުމުން ކަމަށެވެ.

 

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމާ ދެކޮޅުހަދަމުން އަންނައިރު، މާދަމާގެ ޖަލްސާގައި ހޯމް މިނިސްޓަރ ޢަލީ އިހްސާނާ ސުވާލުކުރުމަށް ވަނީ ހިމަނާފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލު އަހުމަދު ނަސީމް، މިނިސްޓަރު އިހްސާނާ ކުރައްވާ ފުރަތަމަ ސުވާލަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައިގެން ޕީއެންސީ އަށް މެމްބަރޝިޕް ފޯމް ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ. އަދި ސައްހަ ނޫން ފޯމުތަކުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަަވަޅެއް އަޅާފައިވޭތޯއެވެ.

 

މީގެއިތުރުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ އެ ނޫސްވެރިޔާ ހުށަހަޅާފައިވާއިރު، ނޫސްވެރިޔާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އަޅުއްވާ ފިޔަވަޅަކީ ކޮބައިތޯ ވެސް ސުވާޅުކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.

 

މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސްކުރުމަށް ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެމްބަރ އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް ބަހުސް ކުރުމަށް ވެސް އެޖެންޑާކޮށްފައި ވެއެވެ. އަދި ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވި މައްސަލަ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވި މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުން ވެސް ވަނީ އެޖެންޑާކޮށްފައެވެ.

 

 


  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް