ރާއްޖެ ވިޔަފާރި

ތިން ރަށެއްގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަށް އެމްޓީސީސީ އާއި އާރްޑީސީ އަށް

ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްފިއެވެ.

 

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

 

މި ތިން ހޮސްޕިޓަލުގެ މަސައްކަތް ވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރުމަށް ހަވާލުކޮށްފައިވާއިރު، ނައިފަރު ހޮސްޕިޓަލުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ އާރްޑީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހު ޢަލީ ނަޞީރެވެ.



ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކުރިއިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

 

މި މަޝްރޫއުތަކުގެ ތެރެއިން ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކުރީ 7,711,200.00 ރުފިޔާއަށެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް 161،245،343.52 ރުފިޔާއަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 147،437،634.24 ރުފިޔާއަށެވެ. މި ދެ މަސައްކަތް ވެސް 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

 


  • އާރްޑީސީ
  • އެމްޓީސީސީ
  • ހެލްތު މިނިސްޓްރީ
  • ކޮމެންޓް