މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ޔުމްނު ވެއްޓުނު ހާދިސާ އާގުޅިގެން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެވެ.
މި މައްސަަލަ ހުށަހެޅުމާއެކު ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްފައިވާއިރު، މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ ޔުމްނުގެ މައްސަލައިގައި ތަހުގީގު ކުރަމުން ގެންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމަކު މީކާއިލްގެ ވާހަކައަށް ވެސް ނާޒިމް ވަނީ ހުރަސްއަޅާއި ބިލާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ވިދާޅުވެފައެވެ.