ޚަބަރު ރާއްޖެ

ރައީސް ހުންނެވީ އިސްރާއީލުގެ ޢަމަލުތަކުން ނޭދެވޭ އަސަރު ފޯރާ އެންމެންނާއެކުގަ!

އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އެ ޢަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާ ވެސް ހާމަކުރައްވައިފިއެވެ.

 

އެމަނިކުފާނު މިކަން ހާމަކުރެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގައި ތަގްރީރު ކުރައްވަމުންނެވެ.

 

އައި.އައި.ޔޫ.އެމް ގެ ފަރާތުން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެމަނިކުފާނަށް އެރުވި، ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު، ދެއްވި ތަގްރީރުގައި ރައީސް ވަނީ އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

 

އެގޮތުން އެއްގައުމަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫން ވެސް މަންސަތައް ގާއިމުވެފައި ހުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމް ދީނަކީ އަމަން އަމާންކަމާއި އޯގާތެރިކަމާއި އިލްމުގެ ދީންކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން އަދުލުއިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށް ވެސް އިލްމު އުނގެނި، ކުރިއަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަގްބަލެއް ގާއިމުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.

 

ހަމަމިއާއެކު ސައިންސާއި، ދެމެހެއްޓެނިވި އުސޫލުތަކާއި، އަހްލާގިއްޔަތާމެދު ބައިނަލްއަގްވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި އޯ.އައި.ސީން އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

 


  • މެލޭޝިއާ
  • އިޒްރާއީލް
  • ފަލަސްތީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް