ފަލަސްތީނު ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރަންޖެހޭ

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

 

ރާއްޖެއިން މިފަދައިން ގޮވާލީ ފަލަސްތީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އިސްރާއީލުގެ ޔަހޫދީން ހަމަލާ ދެމުންދާތީ އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކުރައްވަމުން ބަންޑާރަ ނައިބު އަލް އުސްތާޛު އަޙްމަދު އުޝާމްއެވެ.

 

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކިުފާނު ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާގެ ބާރު ކަނޑުވާލުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާތީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

 

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.

 

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށެވެ.

 


  • އިޒްރާއީލް
  • ފަލަސްތީން
  • ކޮމެންޓް