މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންއެސްޑީއޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ އާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިހާނުކުރުމަށް ބާއްވާ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމަށް އެދި ގޫގަލް ފޯމް https://forms.gle/fqZCzgQAU1zTsQ7c6 މެދުވެރިކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 18 ވާ ހޯމަދުވަހުގެ މެންދުރު 1 ޖަހާއިރެވެ.
އެމްއެންއެސްޑީއޭ އަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ ހިނގަމުންދަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.
ނެޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެ ފެންވަރަށްވުރެ މަތީ ލެވެލްއެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.
މީގެއިތުރުން ދެ އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު އެދާއިރާއެއްގައި މަސައްކަތްކުރަމުންދާ ފަރާތަކަށްވުން ވެސް ހިމެނެއެވެ.
ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ އިމްތިހާނާއި ނޭޝަނަލް އެސެސަރުން މެދުވެރިކޮށް އެމްއެންއެސްޑީއޭ އިން ކުރިޔަށްގެންދާ އިމްތިހާނެކެވެ.