ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު، ސްޕެއިންގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަކުކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނުގެ ދަށުން، ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަމުންދާ ބައެއް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިއީ އެދަރިވަރުންގެ ކަންބޮޑުވުންތައް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްފަރާތްތަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ބޭއްވި ބައްދަލުކުރެްވުމެކެވެ. އެގޮތުން، މިނިސްޓަރ ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިފަދަ ބައްދަލުވުންތަކަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި ދަރިވަރުންނަށް ބޭނުންވާ އެހީ އާއި އެއްބާރުލުން މިނިސްޓްރީގެ ފަރާތުން ފޯރުކޮއްދިނުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތެކެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ފަދަ ދަރިވަރުންގެ އިހްތިޔާރުން ބޭރުން ދިމާވާ މައްސަލަތަކުގެ ސަބަބުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލާ ދިޔުމާއި ގުޅިގެން ދިމާވާ މާލީ ދަތިތަކާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުޢްރަހީމް ހަސަން، ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަދާ މުޙައްމަދު، ޑައިރެކްޓަރ ޖެނެރަލް، މަރްޔަމް މުޙައްމަދު އަދި ސްޓޫޑަންޓް ލޯނު ސެކްޝަންގެ ޑައިރެކްޓަރ، ފާތިމަތު ޝިނާން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.