ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓުކުރާ ސެންޓަރެއް ރ. ވަންދޫގައި އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ނައިބު ޙައްސާން މުޙައްމަދެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރ ޝަދީން އިބްރާހިމެވެ.
ޙައްސާން ވިދާޅުވީ މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއެކު ތަރައްގީކުރާ ސެންޓަރެއް ކަމަށެވެ. އަދި މިމަޝްރޫއަށް 18.5 މިލިޔަން ރުފިޔާ ހަރަދުކުރާނެކަމަށެވެ.
މި މަސައްކަތް ހަވާލުކުރީ 2026 ވަނަ އަހަރުގެ މާރޗް މަހު ނިންމައި، ހަވާލުކުރާ ގޮތަށް ކަމަށާއި މިފެސިލިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ގެނެސް 4 ބަޔަކަށް ބަހާނެ ކަމަށް ވިދާޅުވިއެވެ.
"އެއީ ލިތިއަމް ބެޓެރީ، އަލިފާން ނިއްވާ ފުޅި، ޓޮކްސިކް ކުންޏާއި ޕްރެޝަރ ވެސެލްސް."
ވަންދޫގައި ނުރައްކާތެރި ކުނި މެނޭޖްކުރާ ސެންޓަރު އަޅަނީ ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ. މިމަޝްރޫއުގެ ދަށުން އޮފީސް ބަޔަކާއި ކުނި ރައްކާކުރާ ބަޔަކާއި ރިސައިކަލްކުރަން ހާއްސަ ބައެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާ ގުޅިގެން ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ދިވެހި ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއްވެސް ފައްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ގާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް، ކުންޏާއި ކެމިކަލް މެނޭޖުރުމަށް ޚާއްސަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
ނުރައްކާތެރި ކުނި މެނޭޖްކުރާ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި ވެސް މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައެވެ.