އިތުރު ފުރުސަތެއް ދިނުމެއް ނެތި ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑިޝަރީ ކޮމެޓީން ނިންމައިފި

ފޮޓޯ: ދަ ޕްރެސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި އަލް އުސްތާޛު މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

 

އެކޮމިޓީން މިއަދު މެންދުރު ބައްދަލުވުން ފެށީ ހުޅުވާލައިގެންނެވެ. އެހެންނަމަވެސް ޒާތީ ބައެއްމައުލޫމާތު ހިމެނޭތީ ބައްދަލުވުން ސިއްރުކުރުމަށް ވަނީ ނިންމާފައެވެ.

 

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ކޮމިޓީގައި ތިއްބަވާ ޕީއެންސީ މެންބަރުން ނިންމެވުމުން، އެކަމާ ހިތްހަމަނުޖެހި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައްދަލުވުން ދޫކުރައްވައި ވަނީ ވަޑައިގެންފައެވެ. އެހެންވެ ސިއްރު ބައްދަލުވުމުގައި ތިއްބެވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.

 

މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޟިރުވުމަށް އެދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ޖޭއެސްސީގެ ރިޕޯޓު ދިރާސާކުރުމަށް ފަހު ފަނޑިޔާރުން ހާޟިރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ.

 

އޭގެ ފަހުން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު އަޒްމިރާލްދާ ހާޟިރުނުކުރަން ކޮމިޓީން ނިންމިއެވެ. ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޟީ ސަފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޟީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.

 

ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

 

ޖުޑީޝަރީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ދެން އޮންނާނީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ތަޅުމުން ގޮތް ނިންމުމެވެ. ގާނޫނުގައިވާ ގޮތުން ދެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

 

 


  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް