ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ހާސިލްކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޓަރނޭޝަނަލް ޒީރޯ-ކާބަން އައިލެންޑްސް އެންޑް ގްރީން ލޯ-ކާބަން ޑިވެލޮޕްމަންޓް އެކްސްޗޭންޖް ކޮންފަރެންސް" ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ގްރީންހައުސް ގޭސް އުފެއްދުން މަދުކުރުމަށާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ޕެރިސް އެގްރިމެންޓްގައި ވާ ކަންކަން ހާސިލްކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ހަކަތައިގެ ތަފާސްހިސާބު އެކުލަވާލުމާއި، ހަކަތަ ސަމުކާރަ ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރާ ނިޒާމްތަކެއް ތައާރަފްކުރުންފަދަ ކަންކަމުގެ ތެރެއިން ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސް މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި ފިޔަވަޅުތަކަކީ ރާއްޖޭގެ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އާ އެއްގޮތްވާ ގޮތުގެމަތިން އަޅާ ފިޔަވަޅުތަކެއް ކަމަށާއި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ކްލައިމެޓް ރެޒިލިއެންސް ސްޓްރެޓެޖީގެ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ލޯ-ކަރބަން ޑިވޮލޮޕްމަންޓް ހާސިލުކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިއީ ޖަޒީރާ މުޖުތަމައުތަކުގައި ލޯ-ކަރބަން ޑިވޮލޮޕްމަންޓް ހާސިލުކުރުމަށް އަމާޒުކޮށްގެން އައު އާދަތަކާއި، ސިޔާސަތުތަކާއި، ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ބަދަލުކުރުމަށާއި މަޝްވަރާކުރުމަށް މަގުފަހިކޮށްދިން ކޮންފަރެންސެކެވެ.