ރޯޒްވުޑް ރަންފަރު ރިސޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު ތިމާވެށީގެ 1 ވައުދުފުޅު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެންވަޔަރްމެންޓް މިނިސްޓްރީގެ އެހީތެރިކަމާއެކު ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު ފައްޓަވައިދެއްވީ އަލަށް ތަރައްގީކުރަމުންދާ ރޯޒްވުޑް ރަންފަރު ރިސޯޓުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.
މި ދަތުރުގައި ރިސޯޓުގެ ފަރާތުން އެ ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމަށް އަހުދު ކުރެވިފައިވާ ލިއުމެއްގައި ސޮއެކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މިނިސްޓަރު ވަނީ ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސް ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 5.2 މިލިއަން ގަސް އިންދުމުގެ އަހުދު ލިބިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައި ސްރީލަންކާ ސަރުކާރުން ހަދިޔާ ކުރައްވާފައިވާ ހައިވަކަރު ގަސް މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާކަމަށް އިއުލާން ކުރެއްވިއެވެ.
މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ހަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމާ މިހާރު ޑިޒައިން ކުރުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ. މި ނާސަރީގައި ލެބޯޓެރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ހިންގުމުގެ ކޮޓަރިތަކާއި ގްރީންހައުސް އެއް ހިމެނޭނެކަމަށް ވިދާޅުވިއެވެ.
މި ނާސަރީ ވެގެން ދާނީ ރާއްޖޭގެ މާހައުލާއި ގުޅޭ ގަސް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އާލާ ކުރެވި އިންދުމަށް ރޯ ކުރެވިގެންދާނެ ނާސަރީއަކަށެވެ.