ޖެނެރޭޝަން ބޭން ބިލް މަޖިލީހުން ފާސްކޮށްފި

ޖެނެރޭޝަން ބޭން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ.



މި ބިލު ދިރާސާކުރުމަށް މެންބަރުންގެ ތެރެއިން ނެންގެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ ބިލަށް ކުދިކުދި އިސްލާހުތަކެއް ގެނެސްފައެވެ. ކޮމިޓީން ފާސްކުރި ގޮތާ އެއްގޮތަށް މަޖިލީހުން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓާއެކުއެވެ.



ރައީސް ޑރ. މުޙައްމަދު މުޢިއްޒު "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.



މި އިސްލާހުގައި މި ބިލު ގާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ވެސް މަނާކަމެކެވެ.



ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައް ވެސް އިސްލާހުގައި ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ.

 

މީގެއިތުރުން އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ވެސް ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.

 

ހަމަމިއާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ. މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެއެވެ.



ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު، ބިލު ފާސްވުމަށްފަހު ޢަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ގާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް