ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި އަލް އުސްތާޛު މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓުގައި ދެ ފަނޑިޔާރުންވަކިކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލައިގެ ބަހުސް ނިންމައި ކޮންމެ ފަނޑިޔާރަކަށް ވަކިވަކިން ނެގި ވޯޓުގައި 79 މެމްބަރުން ވޯޓު ދެއްވިއިރު، ފަނޑިޔާރުން ވަކިކުރުމަށް 68  މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. އަދި ވަކިކުރުމާ ދެކޮޅަށް ވޯތުދެއްވީ 11 މެމްބަރުންނެވެ.

 

މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޟިރުވުމަށް އެދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ޖޭއެސްސީގެ ރިޕޯޓު ދިރާސާކުރުމަށް ފަހު ފަނޑިޔާރުން ހާޟިރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ.

 

އޭގެ ފަހުން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ހާޟިރުނުކުރަން ކޮމިޓީން ނިންމިއެވެ. ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޟީ ސަފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޟީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.

 

ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

 

 


  • މަޖިލިސް ރައީސް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް